66 ޤައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ 12 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސް ގެ 12 ވަނަ ބެޗް އިއްޔެ ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށްދާ ފްރޭމްވަރކްގެ މި ފޭސް ގައި 66 ގައިދީން ވަނީ ބައިވެރިވެފައެވެ.

ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަކެވެ. މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ. އެގޮތުން ސައިކޮލޮޖީ ޕްރޮގްރާމްތަކުގެ ތެރޭގައި ކުށުގެ ވެށިން ދުރުހެލިވުމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.