131 ޤައިދީންނާއެކު ޤިރާއަތު ލެވެލް 3 ގެ 5 ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްސަކޮށް ހިންގާ ޤިރާއަތު ކޯހުގެ ލެވެލް 3 ގެ ފަސް ބެޗް މާފުށި ޖަލުގައި ފަށައިފިއެވެ.

7 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ މާފުށީ ޖަލާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރިވެވޭނީ ޤިރާއަތު ލެވެލް 2 ފުރިހަމަކޮށްފައިވާ ޤައިދީންނަށެވެ.

ޖުމްލަކޮށް 131 ޤައިދީން މި ފަސް ބެޗްގައި ބައިވެރިވެފައިވެއެވެ. މިގޮތުން ބެޗް 6 ގައި 19 އަންހެން ޤައިދީން ބައިވެރިވެފައިވާއިރު، ބެޗް 7 އާއި 9 ގައި 28 ޤައިދިން ބައިވެރިވެފައިވެއެވެ. އަދި ބެޗް 8 ގައި 29 ޤައިދީންނާއި ބެޗް 10 ގައި 27 ޤައިދީން ބައިވެރިވެފައިވެއެވެ.

ޤިރާއަތު ކޯހުގެ ލެވެލް 3 ނިމޭއިރު ކީރިތި ޤުރްޢާންގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެއެވެ. އަދި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އިނގުމުގެ އިތުރުން، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގިގެންދާނެއެވެ. އަދި، އަޙްލާޤީ ރިވެތި ސިފަތައް ވެސް މި ކޯހުގައި އުންގަންނައި ދެވޭނެއެވެ.

މި ކޯސް ފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް 4 އިން ޤިރާތް ކޯސް ހެދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.