މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްކާއި ޢިނާޔަތްތަކުގެ ގަވާއިދު ތަސްދީގުކޮށްފިއެވެ.
މި ސަރވިސްގެ ގަވާއިދު ނަންބަރު:R-79/2020 (ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ގަވާއިދު) 03 ސެޕްޓެމްބަރ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓާއި މި ސަރވިސްގެ ވެބްސައިޓްގައި ޝާއިޢުކޮށް، އެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށައިފައެވެ. މި ގަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހާ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ޚިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ. މި ގަވާއިދު ފާސްކުރުމާ ގުޅިގެން، R-34/2016 (ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ގަވާއިދު) އަދި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު R-1025/2019 ބާޠިލުވެގެންދާނެއެވެ.
ފާސްކުރެވުނު އައު ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ޤުރްޢާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާޚާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމާއި މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
އާއިލާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯން ކޯލް ދިނުމާއި އާއިލީ ބައްދަލުވުން މަދުވެގެން މަހަކު 1 (އެކެއް) ފަހަރު 2 (ދޭއް) ގަޑިއިރަށް ދިނުމާއި، އެކަހެރި ބައްދަލުވުން މަހަކު 1 (އެކެއް) ފަހަރު، ކޮންމެ ފަހަރަކު 24 (ސައުވީސް) ގަޑިއިރަށް ދިނުން ވެސް ހިމެނެއެވެ. މިގޮތުން އާއިލީ ބައްދަލުވުން ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބެއެވެ. ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ފޯރުކޮށްދިނުމާއި މަސައްކަތްކުރާ ޤައިދީންގެ އުޖޫރައަށް ބަދަލުގެނެއުމާއި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަން ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލިކުރުމާއި ވައި ދައުރުވާގޮތަށް ވެންޓިލޭޝަން ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޤައިދީއެއް ނުވަތަ ބަންދުކުރުވޭ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ފަރާތުގެ ޤައުމުގެ އެމްބަސީ އަދި ޢާއިލާއަށް ގުޅުމަށް ފޯން ކޯލް ދިނުންވެސް ހިމެނެއެވެ.
ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން މި ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ރާވާ ހިންގުމަށް ޖަލުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ގަވާއިދު https://corrections.gov.mv/regulations އިން ފެނިވަޑައިގަންނަވާނެއެވެ.