ވިސްލްބްލޯކުރުމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކުލަވާލާފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ އާއި ލީގަލް ޑިޕަރޓްމަންޓުން އިންތިޒާމްކޮށްގެން އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ޤާނޫނާބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގަން ފަށައިފިއެވެ.
މި ސެޝަންތަކުގެ މަގްސަދަކީ މި ޤާނޫނުގެ ދަށުން މަތިކުރާ މަސްއޫލިޔަތްތަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުމެވެ. މިގޮތުން ހެޑް އޮފީހުގެ އަދި ހުޅުމާލޭ ޖަލުގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސެޝަންތައް ނިންމާފައިވާއިރު، މާފުށީ ޖަލުގައި އޮންލައިންކޮށް ހަތަރު (4) ސެޝަން ވަނީ ހިންގާފައިވެއެވެ. މިހާތަނަށް 150 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މި ސެޝަންތަކުގައި ވަނީ ބައިވެރިވެފައިއެވެ. ކުރިއަށް އޮތްތާނގައި އައްސޭރި ޖަލާއި މާލެ ޖަލުގައި ވެސް މި ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާނެއެވެ.
މި ސެޝަންތަކުގައި ވިސްލް ބްލޯވާ ޕްރޮޓެކްޝަން ކޮމިޓީއަށް ހުށަހެޅޭނެ މައްސަލަތަކުގެ ބާވަތާއި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ދާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފައެވެ. ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގޮތުން އެއްވެސް ހާލަތެއްގައި އެ ފަރާތްތަކުގެ ޒާތީ އަދި އެހެނިހެން މަޢުލޫމާތު ހާމަ ނުކުރެވޭނެކަން ވަނީ ވަކިން ފާހަގަކޮށްފައެވެ. އަދި މައްސަލަ ހުށަހެޅޭނެ ގޮތްތައް އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ކިޔާދީފައެވެ.