މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު ތަސްދީގުކޮށްފިއެވެ.
މި ސަރވިސްގެ ޤަވާއިދު ނަންބަރު:R-80/2020 (ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު) އަށް އިއްޔެ އަމަލުކުރަން ފަށައި، ދިވެހި ސަރުކާރުގެ ގެޒެޓާއި މި ސަރވިސްގެ ވެބްސައިޓްގައި އެ ޤަވާއިދު ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި، ކުރުން މަނާކަންތައްތައް ކަނޑައެޅުމާއި، އެކަންކަން އަންގައި ދިނުމެވެ. މި ޤަވާއިދު ފާސްކުރުމާ ގުޅިގެން، ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުޞޫލު ބާޠިލުވެގެންދާނެއެވެ.
މިގޮތުން މި ޤަވާއިދުގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޖަލުގައި ބަންދުކުރެވޭ ކޮންމެ މުސްލިމަކު ކޮންމެ ދުވަހެއްގެ ފަރުޟު ފަސް ނަމާދުކުރުމާއި ކީރިތި ޤުރުޢާން ކިޔެވުމާއި ފަރުޟު ރޯދަހިފުމުގެ އިތުރުން ދީނީ އެހެން އަޅުކަންތައް ބަރާބަރަށް ކުރަންޖެހެއެވެ. އަދި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމިއްލަ ސާފުތާހިރުކަމަށާއި އުޅޭ ތަނުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމާއި އަދަބުވެރިކަމާއިއެކު ޖަލު އޮފިސަރުންނަށާއި ބަންދުކޮށްފައިތިބޭ އެހެން ފަރާތްތަކަށް މުހާތަބުކުރުން ހިމެނެއެވެ.
މީގެ އިތުރުން ޤައިދީންނާއި ބަންދު ކުރެވޭ އެއްވެސް ފަރާތެއް ކުރަން ނުވާ ކަންތައްތައް ތަފްޞީލުކޮށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން މި ޤަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ރާވާ ހިންގުމަށް ޖަލުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ޤަވާއިދު https://corrections.gov.mv/regulations އިން ފެނިވަޑައިގަންނަވާނެއެވެ.