މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް “އައި ކޭމްޕް” އެއް ބާއްވައި، 55 ޤައިދީންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.
މި “އައި ކޭމްޕް”ގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ޚާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ޤައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމުގައި އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ. މިގޮތުން މި “އައި ކޭމްޕް” ކުރިއަށް ގެންގޮސްފައިވަނީ ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
އައިކެއަރ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައެވެ. މިގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައެވެ. މިގޮތުން 55 ޤައިދީންގެ ޗެކަޕްހަދައި، 52 ޤައިދީންނަށް ވަނީ އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.
ކުރިއަށްއޮތްތާނގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ރާވަމުން ގެންދާކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.