50 ޤައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 14 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމަށް ކުރަމުންގެންދާ މައްސައްކަތްތަކުގެ ތެރެއިން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 14 ވަނަ  ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި 50 ގައިދީން ވަނީ ބައިވެރިވެފައެވެ.

ހަތަރު ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންނެވެ. އަދި މި މަރުހަލާގައި ކުރިއަށްގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.