އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޭ ހަދިޔާ ކުރުމާއި ގަސް އިންދުމުގެ ހަރަކާތެއް އެމްސީއެސް އިން ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 49 ވަނަ އަހަރީ ދުވަހާ ގުޅިގެން އޮފިސަރުންނާއި މުވައްޒަފުން ލޭ ހަދިޔާ ކުރުމާއި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިގޮތުން މާފުށީ ޖަލާއި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ އިތުރުން އެމަރޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 31 ފަރާތް މިއަދު ލޭ ހަދިޔާ ކޮށްފައިވާއިރު، ހެޑް އޮފީސް، މާލެ ޖަލު އަދި ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮގަސްޓް 2020 ވަނަ ދުވަހުގައެވެ.

މީގެ އިތުރުން މިއަދު ހަވީރު މާފުށީ ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސް، 1000 އަށް ވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އިއްޔެ ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޚާއްސަ ދުޢާއެއް ކުރުމާއި ދިދަ ނެގުމުގެ އިތުރުން އޮފިސަރުންނަށް މެޑެލި އަދި ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ގަޑި ނުޖެހި، ހާޟިރީ އެންމެ ރަނގަޅު އޮފިސަރުންނާއި މުވައްޒަފުން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.