ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް 49 އަހަރު ފުރިއްޖެ

ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް މިއަދު 49 އަހަރު ފުރިއްޖެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ނިޒާމަށް ނިސްބަތްވާ މުއައްސަސާގެ ނަން ބަދަލުވަމުން އައިސް، ވަކި ޤާނޫނެއްގެ ދަށުން މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި ކުރިއަށްވުރެ ހަރުދަނާ އަދި ޕްރޮފެޝަނަލް ޚިދުމަތެއް ގާއިމުކުރެވިފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ކޮންމެ ޖަލެއްގައި އޮފިސަރުންނާއި މުވައްޒަފުން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޚާއްސަ ދުޢާއެއް ކުރުމެވެ. ދެން އޮތީ ދިދަ ނެގުމަށްފަހު އޮފިސަރުންނަށް މެޑެލި އަދި ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ގަޑި ނުޖެހި، ހާޟިރީ އެންމެ ރަނގަޅު އޮފިސަރުންނާއި މުވައްޒަފުން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމެވެ. މި ކަންތައް ފުރިހަމަ ކުރައްވައިދެއްވީ ކޮންމެ ޖަލެއްގެ ޑައިރެކްޓަރެވެ.

އަދި އަހަރީ ދުވަހާއި ގުޅިގެން މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން މާފުށީ ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޖަލުތަކުގެ އަދި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ދެ ދުވަހަކަށް ބަހައިގެން ލޭ ހަދިޔާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.