ޤިރާޢަތު ކޯސް ލެވެލް 1 ގެ ކްލާސްތައް އޮންލައިންކޮށް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކުރުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގައި ހިންގާ ތަޢުލީމީ އަދި ފަންނީ ކޯސްތަކުގެ ތެރެއިން ޤިރާޢަތު ކޯސް ލެވެލް 1 ގެ ބައިވެރިންނަށް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި ކޯހަކީ ޤިރާއަތު ލެވެލް 1 ގެ 3 ވަނަ ބެޗެވެ. އަދި މި ބެޗުގައި 20 ޤައިދީން އެކުލެވިގެންވެއެވެ. އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކްލާސްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

މި ކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަ އާއި ގުޅިގެންނެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު، ޢިލްމުހުރި ފަރުދުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ބައެކެވެ.