އަންހެން 24 ޤައިދީންނާއެކު ފަހާކޯހުގެ ހަ ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ސޮވިންގ” ކޯހުގެ ހަ ވަނަ ބެޗް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ. 

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ މި ކޯހުގައި ޖުމްލަ އަންހެން 24 ޤައިދީން ވަނީ ބައިވެރިވެފައެވެ. އަދި މި ކޯހުގެ މުއްދަތަކީ ފަސް ހަފްތާއެވެ.

މި ކޯހުގައި ޖުމްލަ 2 މޮޑިއުލް ކިޔަވައިދޭއިރު، މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ބާލީސް، ބާލީސް އުރަ، ބެޓްޝީޓް، ރަބަރުލެއްވި ހަރުވާޅު، ސޯޓު އަދި ކުޝަން، މިން ނެގުމާއި ކެނޑުމަށްފަހު ފަހަން ދަސްކޮށްދޭނެއެވެ. އަދި މިކޯސް ފުރިހަމަ ކުރާ ޤައިދީންނަށް “ސެޓްފިކެޓް 2 އިން ސޮވިންގ” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.   

ރިހެބިލިޓޭޝަން ފްރޭމްވަރކް އަކީ ހަތަރު ފޭސްއެއް އެކުލެވިގެންވާ ފްރޭމްވަރކްއެކެވެ. މިގޮތުން ފޭސް ތިނެއްގައި ހިމެނެނީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ތަޢުލީމާއި، ޢާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ހުނަރުތައް ދަސްކޮށްދިނުމެވެ.