ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ހިމެނޭ ދީނީ ކްލާސްތައް އޮންލައިންކޮށް ހިންގަން ފަށައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 12 ވަނަ  ބެޗްގެ ބައިވެރިންނަށް އޮންލައިންކޮށް ދީނީ ކްލާސްތައް ކުރިއަށްގެންދަން ފަށައިފިއެވެ.

2020 ޖުލައި 05 ވަނަ ފެށިގެން މާފުށީ ޖަލުގައި ކުރިއަށްގެންދާ މި ކްލާސްތަކުގެ މަޤުސަދަކީ ބައިވެރިންނަށް އިސްލާމް ދީނުގެ ޢިލްމު އުންގަންނައިދީ، ދަރުހާއި އިސްލާމީ ރިވެތި ދިއިރުޅުމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމެވެ. ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި 50 ގައިދީން ވަނީ ބައިވެރިވެފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން މި ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައި މިވަނީ، ކޯވިޑް-19 އާ ގުޅިގެން މި ކުލާސްތައް މެދުކެނޑިފައިވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިކުލާސްތައް ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތަޢުލީމާއި ހުނަރު އުނގަންނައިދީ، އެމީހުން މުޖުތަމަޢުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކުރަން ދަސްކޮށްދިނުމާއެކު، ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންނެވެ. އަދި އައު އާންމު ޙާލަތުގެ މި މަރުހަލާގައި ހަމައެކަނި ކުރިއަށްގެންދާނީ އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.