މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް “ވައިރަސަސް އިން ޕްލޭސަސް އޮފް ޑިޓެންޝަން” ގެ ނަމުގައި ވަރޗުއަލް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމްކުރި މި ޓްރޭނިންގ ޕްރޮގްރާމަކީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ކައުންޓަރ-ޓެރަރިޒަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގި ޓްރޭނިންގ ޕްރޮގްރާމެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި މި ސަރވިސްގެ ޖަލުތަކުންނާއި އީއެސްޖީގެ އިތުރުން އައިކޯސްޓް އަދި ހެޑް އޮފީހުން 40 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޓްރޭނިންގގައި ކޮވިޑް-19 އާ ގުޅިގެން، ޖަލުތަކުގެ ހާލަތާއި އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލު ކުރާނެގޮތާ ގުޅޭގޮތުން ވަނީ އަލިއަޅުވާ މަޝްވަރާކޮށްފައެވެ.
މި ޓްރޭނިންގ ކުރިއަށް ގެންދެވީ ސީނިއަރ ޕްރިޒަން އެކްސްޕަރޓް ކޮންސަލްޓަންޓް ފްރެޑްރިކް ހޯމްގްރެންއެވެ. މީގެ އިތުރުން އޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވް ސަރްގޭ ކަޕިނޮސްއާއި އޫއެން ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑައިރެކްޓަރ ޖެނެރަލް ތަލްހަތު ރައޫފުއްދީންގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މި ޓްރޭނިންގ ގައި ވާހަކަފުޅު ދެއްކެވިއެވެ.