މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ޖަލުން ނެގި ހުރިހާ ސާމްޕަލްތައް ނައްސިވެއްޖެ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ފައްސިވުމާ ގުޅިގެން، އެ ޖަލުން ޓެސްޓްކުރި ހުރިހާ ފަރާތެއްވެސް އެ ވައިރަހަށް ނައްސިވެއްޖެއެވެ.

މިގޮތުން މާލޭ ޖަލުގެ އީއެސްޖީ އޮފިސަރ ކޯވިޑް-19 އަށް ފައްސި ވެފައިވަނީ 20 ޖޫން 2020 ގައެވެ. އަދި މިކަމާ ގުޅިގެން މި ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން، ހަމަ އެ ދުވަހު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މާލޭ ޖަލުން 101 ސާމަޕަލް އެ ވައިރަހަށް ޓެސްޓުކުރުމަށް ވަނީ ނަގާފައެވެ.

މީގެ ތެރޭގައި 70 އޮފިސަރުންނާއި މުވައްޒަފުން، 24 ޤައިދީންނާއި ބަންދުމީހުންގެ އިތުރުން 7 ވެއިޓަރުން ހިމެނެއެވެ.

މާލޭ ޖަލުގައި މީގެ ކުރިންވެސް ކޯވިޑް-19 ގެ އަސަރު ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތައް ވަނީ ނައްސިވެފައެވެ.