89 ގައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 13 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމުގެ މައްސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 13 ވަނަ  ބެޗް އިއްޔެ ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށްގެންދާ ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި 89 ގައިދީން ވަނީ ބައިވެރިވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސްތަކާއި އެހެނިހެން މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ. އަދި ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ފްރޭމްވަރކްގެ ކޯސްތަކާއި ކްލާސްތައް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންގެ އިތުރުން އެހެން ތައުލީމީ މުއްސަސާތަކުގެ މުދައްރިބުންނެވެ. ނަމަވެސް މި މަރުހަލާގައި ކުރިއަށް ގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.