ކޯވިޑް 19 އާ ގުޅިގެން, މި ސަރވިސްއިން އަޅާފައި ވާ ފިޔަވަޅުތަކަށް އައު އާންމު ހާލަތުގައި ލުއިތަކެއް.

ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމުން، ކޯވިޑް-19 އާ ގުޅިގެން މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ހަމަޖައްސާފިއެވެ.

މިސަރވިސްގެ ޢާންމު ޢުޞޫލު ނަންބަރު AU-2020/08 (އައު އާންމު ހާލަތުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު) އަށް މާދަމާ ޢަމަލުކުރަން ފަށައި، މި ސަރވިސްގެ ވެބްސައިޓްގައި އެ އުސޫލު ވަނީ ޝާއިޢުކޮށްފައެވެ.

މި އުސޫލުގެ ދަށުން ޖަލުތަކަށް ދެވޭ ލުއިތައް ވަނީ 3 މަރުހަލާއަކަށް ބަހާލެވިފައެވެ. ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތްއޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ. ދެވަނަ މަރުހަލާ ފެށިގެންދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެއެވެ. އެހެން ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޯވިޑް-19 އަށް ފައްސި ވެފައިވާ ފަރާތެއް ފެނިއްޖެ ނަމަ ނޫނީ އެ ރަށެއް މޮނީޓަރިންގ ހާލަތަށް ގެނެވިއްޖެ ނަމަ، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ރިއާޔަތްކޮށް، ޖަލުގެ އެލަރޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެއެވެ.

ޖަލުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ. ހާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓްކުރުމަށާއި ސާފުތާހިރުކަމަށް އިސްކުރުމުގެ އިތުރުން ހުރިހާ ފަރާތެއްވެސް ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި، އެފަދަ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ވަނީ ހަމަޖައްސާފައެވެ. އަދި ޤައިދީންނާއި ބަންދުމީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހުރިހާ މަރުހަލާއެއްގައިވެސް ކުރިއަށް ދާނެއެވެ.

މި މަރުހަލާތަކާއި ދެވޭ ލުއި ތަކުގެ ތަފްސީލު މި އުސޫލުގައި ބަޔާންކުރެވިފައިވާނެއެވެ. އަދި މި އުސޫލު، މި ސަރވިސްގެ ވެބްސައިޓް https://corrections.gov.mv/aanmu-usoolu އިން ޑައުންލޯޑްކުރެވޭނެއެވެ.