ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 12 ވަނަ ބެޗް 50 ގައިދީންނާއެކު ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމުގެ މައްސައްކަތްތަކުގެ ތެރެއިން، އެ ފަރާތްތަކަށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 12 ވަނަ  ބެޗް މިއަދު ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށްގެންދާ ފްރޭމްވަރކްގެ ފޭސް 1 ގެ 12 ވަނަ ބެޗްގައި 50 ގައިދީން ވަނީ ބައިވެރިވެފައެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސްތައް ކޯވިޑް-19 އާ ގުޅިގެން ވަނީ މެދުކަނޑާލާފައެވެ. އަދި ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާ ގުޅިގެން، މި ފްރޭމްވަރކްގެ ފޭސް 1 ގެ އައު ބެޗެއް މިއަދުން ފެށިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ކުރިއަށް ދާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންނެވެ. އަދި މި މަރުހަލާގައި ކުރިއަށްގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.