ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލެ ޖަލުން ރެންޑަމްކޮށް ނެގި 30 ސާމްޕަލްވެސް ނައްސިވެއްޖެ

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ވެސް ނައްސި ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދެއްވައިފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވެއެވެ.

ހުޅުމާލެ ޖަލުން ނެގި ސާމްޕަލްތައް ހިމަނައިގެން މިހާތަނަށް ހުރިހާ ޖަލަކުން ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 140 ސާމްޕަލް ނަގައި، އެ ހުރިހާ ސާމްޕަލެއް ކޯވިޑް-19 ށް ވަނީ ނައްސިވެފައެވެ.