ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

ހުޅުމާލެ ޖަލުގައި 13 އަހަރާއި 6 މަސްދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ހއ.ފިއްލަދޫ، ފީރޯޒްގެ، އިސްމާއިލް ޙުސެއިން (92 އަހަރު) ރޭ މެންދަމު ނިޔާވެއްޖެއެވެ.

އޭނާ ރޭ މެންދަމު ހާލު ދެރަވެގެން، ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި އެންބިއުލާންސްގައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ 2:10 ގައި ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އިސްމާއީލް ޙުސެއިނަކީ މުސްކުޅިބަލީގައި ގިނަ ދުވަސްތަކެއްވަންދެން އެނދުމަތިވެފައިވާ މީހެކެވެ. އޭނާއަށް ވަނީ ވޭތުވެ ދިޔަ ހަފްތާގައިވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.

އިސްމާއީލް ޙުސެއިން ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ. އަދި ކޯވިޑް-19 އަށް ޓެސްޓުކުރުމަށް އޭނާގެ ނެގި ސާމްޕަލް ވަނީ ނައްސިވެފައެވެ..

އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ވަނީ ޢާއިލާއާ ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.