ކޯވިޑް-19 އާ ގުޅިގެން ޤައިދީންނަށާއި ބަންދުމީހުންނަށް، އޮންލައިންކޮށް ޢާއިލާއިން ފައިސާ ފޮނުވޭނެ ގޮތް ހަމަޖައްސައިފި

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ޢާއިލާ ތަކުގެ ފަރާތުން ޖަލުތަކުގައި ތިބި ޤައިދީންނަށާއި ބަންދުމީހުންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިސަރވިސްގެ ޢާންމު ޢުޞޫލު ނަންބަރު AU-2020/07 (ޤައިދީންނާއި ބަންދުމީހުންނަށް، އޮންލައިންކޮށް ފައިސާ ފޮނުވުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު) އަށް މާދަމާ ޢަމަލުކުރަން ފަށައި، މި ސަރވިސްގެ ވެބްސައިޓްގައި އެ އުސޫލު ވަނީ ޝާއިޢުކޮށްފައެވެ.

އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޤްޞަދަކީ، ކޯވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ޙާލަތުގައިވެސް، ޖަލުގައި ތިބޭ ފަރާތްތަކަށް ކެންޓީނު މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށްޓަކައި، އެ ފަރާތްތަކުގެ ޢާއިލާއިން ފައިސާ ފޮނުވުމުގެ ކަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މި އުސޫލުގެ ދަށުން އޮންލައިންކޮށް ފައިސާ ފޮނުވުމަށް ހަމަޖައްސާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް، ފައިސާ ލިބެންވި ޤައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރާއި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފަރ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް [email protected] އަށް އީމެއިލް ކުރަންވާނެއެވެ.

މި ސަރވިސްއަށް ހުރިހާ މަޢުލޫމާތާއެކު ފައިސާ ފޮނުވިކަމުގެ އީމެއިލް ފޮނުވުމުން، އެ ފައިސާ ލިބުނުކަން ކަށަވަރުކޮށް ފައިސާ ލިބުނުކަމުގެ ރަސީދު އެފަރާތަކަށް މި ސަރވިސްއިން ފޮނުވާނެއެވެ.