ޖަލުތަކުގައި މަސައްކަތްކުރާ މެޑިކަލް ޑޮކްޓަރުންނަށާއި ނަރުހުންނަށާއި އޮފިސަރުންނަށް އެޗްޕީއޭއިން ކޯވިޑް-19 އާ ބެހޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޯވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއ މާފުށީ ޖަލުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޯވިޑް-19 އާ ބެހޭ މަޢުލޫމާތު ޚިއްސާކޮށް، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ޚިއްސާކުރުމެވެ.

މި ގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ކޯވިޑް-19 ގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ފައްސިވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބައިވެރިންނާ ޚިއްސާކޮށްފައެވެ. އަދި ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް ވަނީ ބައިވެރިންނަށް ކިޔާދީފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ 40 ބައިވެރިންގެ ތެރޭގައި މި ސަރވިސްގެ އެކި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނެއެވެ.