މާފުށީ ޖަލުގައި ތިބި ގައިދީންނަށް “އައި ކޭމްޕް” އެއް ހިންގުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ދެ “އައި ކޭމްޕް” މެދުވެރިކޮށް 88 ގައިދީންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

މި “އައި ކޭމްޕް” ރާވާ ކުރިއަށްގެންގޮސްފައިވަނީ ގައިދީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް މި ސަރވިސް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި ޖަލުގައި ލޮލުގެ ފަރުވާއަށް ގިނަ އަދަދެއްގެ ގައިދީން އެދިފައިވުމުން، ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި މިފަދަ ކޭމްޕެއް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެކެވެ. މިގޮތުން މި ދެ ކޭމްޕް ހިންގާފައިވަނީ 24 އަދި 31 ޖެނުއަރީ 2020 ގައެވެ.

އައިކެއަރ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައެވެ. މިގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައެވެ. ޖުމްލަ 69 ގައިދީންނަށް ވަނީ އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސިފައެވެ.

މި ސަރވިސްއިން ކުރިއަށްއޮތްތާނގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރިއަށް އެބަގެންދެއެވެ.