ދެ އަހަރަށް ފަހު އާއިލާގެ ފަރާތުން ގައިދީންނާއި ބަންދު މީހުންނަށް އަލުން އަންނައުނު ފޮނުވޭ ގޮތް މި ސަރވިސްއިން ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުޞޫލަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި ސަރވިސްގެ އާންމު އުޞޫލު ނަންބަރު:AU-2020/03 (ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ޢާއިލާގެ ފަރާތުން ފޯރުކޮށްދިނުން) އަށް މިއަދު އަމަލުކުރަން ފަށައި، މި ސަރވިސްްގެ ވެބްސައިޓްގައި އެ އުޞޫލު ވަނީ ޝާއިޢުކޮށްފައެވެ. އަދި މި އުޞޫލައަށް އަމަލުކުރަން ފެށުމާއިގުޅިގެން އަންނައުނު ފޮނުވުން މެދުކަނޑާލި ޚާއްސަ އުޞޫލު ނަންބަރު:KU-2017/05 (ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ހޯދުން) ވަނީ ބާޠިލްކޮށްފައެވެ. އަދި މިބަދަލަކީ “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގައިވެސް މި ސަރވިސްއަށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަން ފާހަގަކުރަމެވެ. 

މި ސަރވިސް އިން 15 އޮކްޓޯބަރ 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ. އަދި އަލަށް އެކުލަވާލެވުނު އުޞޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތްކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ބަޔާންކުރެވިފައިވާނެއެވެ.

ބަދަލު ގެނެވުނު މި އުޞޫލުގައި ޢާއިލާގެ ފަރާތުން ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް އަންނައުނު ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވާނެއެވެ. މިގޮތުން ޢާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށެވެ.

އަދި މި އުޞޫލު https://corrections.gov.mv/aanmu-usoolu އިން ފެނިވަޑައިގަންނަވާނެއެވެ.