އައްސޭރި ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑިނަރ ނައިޓެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ޑިނަރި ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ސީޕީގެ އިތުރުން މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާޙިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް އަދި ނޮން ކޮމިޝަންޑް އޮފިސަރުންނާއި، އައްސޭރި ޖަލުގެ އޮފިސަރުންގެ އާއިލާތައް ބައިވެރިވި އެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އަޙްމަދު މުޙައްމަދުފުޅު އައްސޭރި ޖަލުގެ އިސް ވެރިންނަށާއި އޮފިސަރުންނަށް މަރުހަބާ ދަންނަވައި، ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ބޭނުންވާ ރިހެބިލިޓޭޝަނާއި ފަރުވާފޯރުކޮށްދިނުމާއި ހުނަރު ތަރައްގީކޮށް މައުލޫމާތު ފަހިކޮށްދީ، އެ ފަރާތްތައް މުޖްތަމައުއަށް އަނބުރާ ރަނގަޅު ފަރުދުންގެ ގޮތުގައި ނެރުން، މި ތިން ކަންތައްތަކަކީ ޑިޓެންޝަން ސެންޓަރެއްގެ ނޫނީ ޖަލެއްގެ މަގްސަދުކަމަށެވެ. އަދި މި ޒިންމާ އުފުލުމުގައި ހިވާގި ކަމައިގެން މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މެނޭޖްމަންޓްއަށް މިމަގްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މިހާރުހުރި އެންމެ ބޮޑު ދަތިކަމަކީ ޖަލުގެ ޖާގައަށްވުރެ ގިނަ ގައިދީން ތިބުންކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އޮފިސަރުން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ކޮމިޝަނަރ ހުރިހާ އޮފިސަރުންނަށް ޝުކުރުއަދާ ކުރެއްވިއެވެ. މީގެ އިތުރުން އެމްސީއެސްގެ އަހަރީ ދުވަސް ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރައްވާނެކަމަށް ސީޕީ އަޙްމަދު މުޙައްމަދުފުޅު އިއުލާންކުރެއްވިއެވެ.

މި ޑިނަރ ނައިޓްގެ ހަރަކާތްތަކުގެ ތެރޭގައި އައްސޭރި ޖަލަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށާއި އެ ޖަލުގެ އޮފިސަރުންގެ ތެރެއިން ވޭތުވެ ދިޔަ އަހަރު ހާޟިރީއަށާ އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.