އެމްސީއެސްއިން “އައިޑެންޓިފައިންގ ސައިކިއޭޓްރިކް ޕޭޝަންޓްސް އިން ޕްރިޒަންސް” ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “އައިޑެންޓިފައިންގ ސައިކިއޭޓްރިކް ޕޭޝަންޓްސް އިން ޕްރިޒަންސް”ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް  އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ކޮމިޝަންޑް އޮފިސަރުން އާއި ޕްރޮގްރާމްގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.  

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ނަފްސާނީ ބަލި ހުންނަ މީހުން ދެނެގަނެ، އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދިނުމެވެ. މިގޮތުން ސުއިސައިޑް އައިޑެންޓިފިކޭޝަން އެންޑް ޕްރިވެންޝަން އަދި އިންޓޮކްސިކޭޝަންއާ ބޭހޭ މައުލޫމާތު ވަނީ ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. މި ޕްރޮގްރާމްގެ މުދައްރިބުންނަކީ މާފުށީ ޖަލުގެ ސައިކިއޭޓްރިސްޓް ޑރ. އަނަސް މުޙައްމަދު އަންވަރާއި ޕްރޮފައިލް ޑިވެލޮޕްމަންޓް ޔުނިޓްގެ ހެޑް ސިވިލް އެސިސްޓަންޓް އެގްޒަކަޓިވް އާނިޝާ ޢަބްދުލް ޤާދިރުއެވެ. މި ޕްރޮގްރާމްގައި އެކި ޖަލުތަކުން 19 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށްފަހު، ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ނަފްސާނީ ބައްޔަކީ ބަދަލުވަމުން އަންނަ ބައްޔެއްކަމަށާއި އޭގެ ޒާތުގައި މުހިއްމުކަން ދޭންޖެހޭކަމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ކޮމިޝަނަރ ވިދާޅުވީ މި ޓްރޭނިންގ ޕްރޮގްރާމްގެ ޒަރީއާއިން ލިބިގެންދިޔަ މައުލޫމާތުގެ އަލީގައި ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ނަފްސާނީ ބަލި ހުންނަ މީހުން ދެނެގަނެ، އެމީހުންނާ މުއާމަލާތްކުރުމުގައި އަދި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭއިރު، ބަހާއި އަމަލުން އެކަން ދައްކައިދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މިފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ތަރައްގީކޮށް އައިކޯސްޓް މެދުވެރިކޮށް ހުރިހާ އޮފިސަރުންނަށް ލިބޭނެގޮތް ތަނަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ކޮމިޝަނަރ ފާހަގަކުރައްވިއެވެ. މީގެ އިތުރުން މިފަދަ ޕްރޮގްރާމްތައް ހިންގެވީތީ އައިކޯސްޓްގެ ބޭފުޅުންނަށާއި ޑައިރެކްޓަރ އެސްޕީ މޫސާ އަންވަރުއަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ.