މާފުށީ ޖަލުގައި “ދިވެހިބަހުގެ ގަވާއިދު”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މަދަނީ މުވައްޒަފުންނަށް ހާއްސަކޮށް “ދިވެހިބަހުގެ ގަވާއިދު”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މާފުށީ ޖަލުގައި ބާއްވައިފިއެވެ.

2020 ފެބްރުއަރީ 11 ން 12 ށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ހެޑް އޮފީހުންނާއި އެކި ޖަލުތަކުން ޖުމްލަ 29 އޮފިސަރުންނާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޑީސީޕީގެ އިތުރުން މި ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކުރި މި މަސައްކަތު ބައްދަލުވުން ނަންގަވާދެއްވާފައިވަނީ އެސިސްޓަންޓް ލީގަލް އޮފިސަރ އުސްތާޛް ޢަލީ ރަޝީދުއެވެ. މި މަސައްކަތު ބައްދަލުވުމުގައި އިމްލާ ކުށްތައް، ތިކި ޖެހި ތާނަ، ސުކުން ކުރެވޭ އަކުރުތައް، އެއަކުރުތައް ބޭނުން ކުރެވޭ ހަމަ އަދި އަކުރު ލަފުޒާ ގުޅުވާނެ ގޮތާއި ބަސް ވަކިކުރުމުގެ ހަމައާއި ގަވާއިދުގައި ހުރުން، އިނުން، އޮތުން ފަދަ ބަސްތައް ބޭނުންކުރާނެ ގޮތްތައް ވަނީ ކިޔަވާދެއްވާފައެވެ.