ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

“ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ޢަމަލީ ގޮތުން ތަންފީޛް ކުރުމަށާއި، ތަންފީޛް ކުރެވޭ މިންވަރު ބެލެހެއްޓުމަށް ޚާއްޞަ ކޮމިޓީއެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު އެކުލަވާލައި، އެ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އޮޑިޓް ރިޕޯޓްގެ ހުށަހެޅުންތައް ތަންފީޛްކުރުމަށް ކުރަންހުރި މަސައްކަތްތަކައް ޚާއްސަ އިސްކަމެއް ދެއްވައިގެން ޢަމަލީ ގޮތުން އިސްނަންގަވައިގެން ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ ވަނީ މެމްބަރުން ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި ހުރި ހުށަހެޅުންތައް ތަންފީޛްކުރުމުގައި ހުރި ދަތިތަކުގެ އިތުރުން ބަޖެޓާއި އެހެނިހެން ކަންތައްތަކާއިމެދު މަޝްވަރާކުރެވުނެވެ. އަދި ކޮންމެ ހަފްތާއަކު ކަންތައްތައް ކުރިއަށްދާ ގޮތުގެ ރިޕޯޓް ތައްޔާރުކުރުމަށް ސީޕީ ވަނީ އިރުޝާދު ދެއްވާފައެވެ.

“ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގެ ހުށަހެޅުންތައް ތަންފީޛްކުރުމާބެހޭ ޚާއްޞަ ކޮމިޓީ އެކުލެވިގެންވަނީ އެމްސީއެސްގެ އެކި ޑިޕާރޓްމަންޓްތަކުގެ 7 މެމްބަރުންގެ މައްޗަށެވެ.