ޤިރާޢަތު ކޯސް ލެވެލް 1 ގެ 2 ބެޗް މާފުށީ ޖަލުގައި ފަށައިފި

ޤިރާޢަތު ކޯސް ލެވެލް 1 ގެ 2 ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.  އެއީ އަންހެން 14 ގައިދީންގެ ބެޗަކާއި ފިރިހެން 18 ގައިދީންގެ ބެޗެކެވެ.

8 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މިކޯހުގައި ފިލީގެ ހަރަކާތްތަކާއި، ޢާއްމު މަޙްރަޖް ( ތަފްސީލާއެކު)، ވަކި އަކުރުތަކެއްގެ މަޙްރަޖާއި، ސޫރަތުއް ޟުހާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ތަޖްވީދު މަގުން ބަލައިގެން ކިޔަން އަދި ސޫރަތުލް ޤާރިއާއިން ފެށިގެން ކައުސަރުގެ ނިޔަލަށް ތަޖްވީދު މަގުން ހިތުން ކިޔަން ދަސްކުރުން ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައިތިބި ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ ކިޔަވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ.