މާލޭ ޖަލުގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެގޮތުން ގިނަ ހަރަކާތްތަކާއި ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

މިގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ އޮފިސަރުން ފަތިސް ނަމާދުކުރުމާއި ކޭކު ފެޅުމެވެ. ދެން އޮތީ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތަކެވެ. މީގެ ތެރޭގައި މާލެ ޖަލުގެ އަންހެން ފުޓްސަލް ޓީމާއި ހެޑް އޮފީހުގެ އަންހެން ޓީމާއި ދެމެދު އެކުވެރިކަމުގެ މެޗެއްކުޅުންވެސް ހިމެނުނެވެ.  

އަހަރީ ދުވަހުގެ ފަހު ހަރަކާތަކަށް އޮތީ އެ ޖަލުގައި ރޭ ބޭއްވި ޑިނަރ ނައިޓެކެވެ. މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒެވެ. ކޮމިޝަނަރ ގެ އިތުރުން މި ޑިނަރ ނައިޓްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، މާލެ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ތަލާލްއާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން މާލެ ޖަލާއި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މި ޙަފްލާގައި ވަނީ މާލޭ ޖަލުން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ހުށައަޅާފައެވެ. އަދި ވޭތުވެ ދިޔަ އަހަރު ހާޟިރީއަށް އެންމެ ރަނގަޅު އޮފިސަރުންނަށާއި މާލެ ޖަލުގައި ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ އޮފިސަރުން ފާހަގަކޮށް ސެޓްފިކެޓް ދީފައެވެ. މި ޙަފްލާ ކުރިއަށް ދިޔައީ އެމްސީއެސް ބޭންޑްގެ ލައިވް މިއުޒިކާ އެހެނިހެން މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާ އެކުއެވެ.