ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 އަދި 2 ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 އަދި 2 ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް އަޙްމަދުﷲ ޖަމީލްއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި ކޮމިޝަންޑް އޮފިސަރުން އާއި އިންސްޓިޓުޓް ފޯރ ޤުރްޢާން އެންޑް ސުންނަތްގެ އަލްފާޟިލް ޢަބްދުﷲ ސައީދު މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.  

މި ރަސްމިއްޔާތުގައި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 އަދި 2 ފުރިހަމަކުރި 72 ގައިދީންގެ އިތުރުން ޤިރާއަތު ކޯސް ލެވެލް 1، 2، 3، 4 އަދި ސެޓްފިކެޓް 02 އިން އޮފިސް ޕެކޭޖް އާއި ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަންގެ އިތުރުން އެސް.އެސް.ސީ އަދި އޯ ލެވެލް ނިންމި ގައިދީންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް އަޙްމަދުﷲ ޖަމީލް، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، އެސްޕީ އިބްރާހިމް ނާޝިދު، މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ މުޙައްމަދު ތަލާލް، މާފުށީ ޖަލުގެ ޑައިރެކްޓަރ އަދި ޑެޕިއުޓީ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ރިޟާ އާއި އޭއެސްޕީ ޢަބްދުﷲ އަމީންނެވެ.

މީގެ އިތުރުން ކޯސްތަކުން ޑިސްޓިންޝަން ހާސިލުކުރި 16 ގައިދީއަކަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ހަވާލުކޮށްދެއްވާފައެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.