މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޕެރޯލް އޮފިސަރުން އައްޔަނު ކުރުމުގެ ރަސްމިއްޔާތު އެމްސީއެސްގެ ހެޑް އޮފީހުގައި މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ތަމްރީން ކުރެވުނު ޕެރޯލް އޮފިސަރުންނަށް ވަނީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ނަންބަރު 2013/14) ގެ 138 ވަނަ މާއްދާގެ ދަށުން ޕެރޯލް އޮފިސަރުން އައްޔަންކުރުމުގެ ބޭނުމަކީ ޕެރޯލްގެ ދަށުން ދޫކުރާ ޕެރޯލީ އުޅެމުންދަނީ ރަނގަޅަށްތޯ ބެލުމާއި އެ މީހަކަ ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް އެހީތެރިވުމާއި، އެ މީހުންގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް އޮތްނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. މިގޮތުން 10 ޕެރޯލް އޮފިސަރުން ވަނީ އައްޔަނުކުރެވިފައެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މި ރަސްމިއްޔާތު ތައާރަފްކޮށްދެއްވަމުން ސަރުކާރުގެ ވައުދާ އެއްގޮތަށް އެމްސީއެސްގެ ކަންތައްތައް ގެންދިއުމުގައި ހޯމް މިނިސްޓަރ ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ޕެރޯލް ބޯޑުން ގިނަ ވަގުތުތަކެއް ހޭދަކުރައްވައިގެން ކުރެއްވި މަސައްކަތުން ވޭތުވެދިޔަ އަހަރަށްވުރެ ތިން ގުނަ އިތުރަށް މީހުން ޕެރޯލްގެ ދަށުން ދޫކުރެވިފައިވާކަން ފާހަގަކުރައްވާ ޕެރޯލް ބޯޑުގެ މެންބަރުންނަށް ސީޕީ މުނާޒް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މަސައްކަތާއި އެއްބާރުލުން ފާހަގަކުރައްވާ ހުރިހާ ފަރާތަކަށް އިހްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ޕެރޯލް ބޯޑުގެ ޗެއަރޕަރސަން އަލްފާޟިލާ ފައުޒިއްޔާ ޢަލީ އައްޔަނު ކުރެވުނު ޕެރޯލް އޮފިސަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ ޕެރޯލްގެ ދަށުން ދޫކުރާ މީހުން ގާތުން މޮނިޓަރ ކުރާނެ އޮފިސަރުންތަކެއް އައްޔަނު ކުރެވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށާއި އުއްމީދުކުރައްވަނީ ލިބުނު ތަމްރީންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެކަމަށެވެ.
ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ވިދާޅުވީ ތަކުރާރުކޮށް ކުށްކުރަމުންދާ ޒުވާނުންނާ ދުވަސް ވީ މީހުން ގިނަ ވަމުންދާކަމަކީ އެންމެންވެސް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ޕެރޯލް ޤާނޫނުގެ ދަށުން ދޫކުރެވޭ މީހުންނަށް ކުރެވޭ ޝަރުތުތަކާއެކުގައި މުޖްތަމައުގައި ރަނގަޅަށް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގައި އެހީތެރިވުމަށް ވަކިން ހާއްސަ އޮފިސަރުން ކަނޑައެޅުމަކީ ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއްކަމަށާއި އުއްމީދުކުރައްވަނީ ޕެރޯލް އޮފިސަރުން ތައާރަފްކޮށް ހަވާލުކުރެވޭ މަސައްކަތް ފެށިގެން ދިއުމުން އިރާދަކުރެއްވިއްޔާ ޕެރޯލް ހައްގުވާ ހުރިހާ ފަރާތަތަކަށް އެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕެރޯލްއާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތެއްކުރުމަށް 07 ޖުލައި 2015 ގައި ވަނީ ޕެރޯލް އޮފީހެއް އުފައްދާފައެވެ. އަދި ޕެރޯލްގެ އެންމެހައި ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުގެ 09 ދާއިރާއެއް ތަމްސީލުކުރާ ބޯޑެއް ރައީސުލް ޖުމްހޫރިއްޔާ ވަނީ އުފައްދަވައިފައިވެއެވެ.