ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ ކޯހުގެ އައުބެޗެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ އައު ބެޗެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 42 ގައިދީން ވަނީ ބައިވެރިވެފައެވެ. މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމެވެ. މީގެ އިތުރުން މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީވެސް މިކޯހުގެ އަމާޒެކެވެ.

މި ކޯހުގައި ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.