ކޮމިޝަނަރ އޮފް ޕްރިޒަންސް ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީސްގައި އޮތް މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޖަލުގައި ބަންދުކުރެވިފައިވާ 18 އަހަރު ނުފުރޭ ކުޑަކުދިން އިސްލާހުކޮށް އަހްލާގަށާއި ވިސްނުމަށް ހެޔޮ ބަދަލު ގެނެއުމަށް މަސައްކަތްކުރުމަށް ޕްރޮގްރާމްތައް ރާވާ ކުރިއަށްގެންދިއުމާއި އެކުދިން ބެލެހެއްޓުމުގައި އެމްސީއެސްގެ އޮފިސަރުން އިތުރަށް ހޭލުންތެރިކުރުމަށް ތަމްރީންދިނުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާމެދުގައެވެ. 18 އަހަރު ނުފުރޭ ކުޑަކުދިންގެ ޔުނިޓް މިވަގުތު ގާއިމުކޮށްފައިވަނީ އައްސޭރި ޖަލުގައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން އެމްސީއެސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި އައްސޭރި ޖަލުގެ ފަރާތުން ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ފާރިޝް ޢަލީ ބައިވެރިވެލެއްވިއެވެ. އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޑައިރެކްޓަރ އަލްފާޟިލާ ފާތިމަތު ރޫނާ އާއި ސޯޝަލް ސަރވިސް ވަރކަރ އަލްފާޟިލާ ޝައުފާ ސަލީމްއެވެ.