ގައިދީންނަށް ވޮކޭޝަނަލް ޓްރޭނިންގ ކޯސްތައް ހިންގުމާއިބެހޭގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ބޭފުޅުންނާ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މިއަދު ބައްދަލުކުރައްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީސްގައި އޮތް މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޖަލުތަކާއި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގުޅިގެން ހިންގާ ތައުލީމީ އަދި ފަންނީ ކޯސްތައް ހިންގުމުގައި ދިމާވާ ބައެއް ދަތިކަމާއި، އެ ކޯސްތައް ހަރުދަނާކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމާއި ބެހޭގޮތުންނެވެ. މިގޮތުން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި، އެމީހުން ޖަލުން ނިކުންނަ އިރު އާމްދަނީއެއް ލިބޭނޭފަދަ ފަންނީ އަދި އިލްމީ ކޯސްތައް އިތުރުކުރުމާއިބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން އެމްސީއެސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި އައިކޯސްޓްގެ ޑައިރެކްޓަރ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރާއި މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާ ބައިވެރިވެލެއްވިއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޗީފް އެގްޒަކެޓިވް އޮފިސަރ އަޙްމަދު ނާސިރުއާއި ޑިރެކްޓަރ މާޖިދާ މަޖީދުގެ އިތުރުން ލެކްޗަރަރ ޢަބްދުއްރައްޒާޤު އާދަމް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު ނަޒާހަތު ހިމެނެއެވެ.