ގައިދީން ރިހެބިލިޓޭޓްކުރުން އިތުރަށް ހަރުދަނާ ކުރުމަށް ޕްރޮގްރާމްސް ރިވިއު ފޯރަމް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް މާފުށީ ޖަލުގައި “ޕްރޮގްރާމްސް ރިވިއު ފޯރަމް”  ބާއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގައި އެމްސީއެސްގެ ޖަލުތަކުގައި ޕްރޮގްރާމްސްތައް ހިންގުމާއިބެހޭ އިސް ވެރިންނާއި އޮފިސަރުން އަދި މުވައްޒަފުން ބައިވެރިވިއެވެ.

މާފުށީ ޖަލުގައި މިއަދު ބޭއްވި ނިމުމުގެ ރަސްމީއްޔާތުގައި މި ފޯރަމްގެ ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްއެވެ.

ކޮމިޝަނަރ މުނާޒް ފޯރަމްގެ ބައިވެރިންނާ މުހާތަބްކުރައްވައި ވިދާޅުވީ މި ފޯރަމްގެ ސަބަބުން ޖަލުތަކުގައި ހިންގާ ޕްރޮގްރާމްތައް ރަނގަޅުވެގެންދާނެކަމާއި ކުރިއަށްއޮތްތާނގަވެސް އަމަލީ ގޮތުން މަސައްކަތްކުރާ އޮފިސަރުންނަށާއި މަދަނީ މުވައްޒަފުންނަށް މިފަދަ ފޯރަމްތައް ރާވައިގެން ކުރިއަށްގެންދަން ބޭނުންފުޅުވާކަމަށެވެ. އަދި މިފަދަ ފޯރަމްތައް ހިންގުމުގައި އައިކޯސްޓްގެ ދައުރުވަރަށް ބޮޑުކަމަށް ފާހަގަކުރައްވާ އައިކޯސްޓްގެ ޑައިރެކްޓަރ އެސްޕީ މޫސާ އަންވަރަށައި އައިކޯސްޓްގެ މުދައްރިބުންނަށާއި އޮފިސަރުންނަށް ސީޕީ މުނާޒް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަވފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ މި ފޯރަމްއަކީ ޕްރޮގްރާމްތައް ހަރުދަނާކުރެއްވުމުގެ ގޮތުން ސީޕީ މުނާޒްގެ އިސްނެންގެއްވުމެއްކަމަށެވެ. އަދި ސީޕީ މުނާޒްގެ އިތުރުން ބައިވެރިންނަށާއި ފޯރަމް ރާވާ ހިންގި ފަރާތްތަކަށް ޑީސީޕީ ޝުކުރުއަދާކުރެއްވިއެވެ.

މި ފޯރަމްގެ މަގްސަދަކީ މިހާރު ޖަލުތަކުގައި މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލު ހުކުމެއް އަދާކުރަމުންދާ ގައިދީންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ “އުއްމީދު” ޕްރޮގްރާމްއާއި މައިގަނޑު ގޮތެއްގައި ގައިދީން އިސްލާހުކުރުމަށް ކުރިއަށް ގެންދައި “ރިހެބިލިޓޭޝަން ފްރޭމްވަރކް” ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން ދެ ޕްރޮގްރާމްގައި ފުށުއަރައި ކަންތައްތައް ފާހަގަކޮށް މިހާރަށްވުރެ ހަރުދަނާ ޕްރޮގްރާމްއެއް ފަރުމާކުރުމަށް މަސައްކަތްކުރުމެވެ. މި ފޯރަމްގައި އިސްލާހުކުރެވިގެން އެކުލަވާލެވޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ހުރިހާ ޖަލެއްގައިވެސް ބޭނުންކުރަން ފަށާނެއެވެ.

މިފޯރަމް އިންތިޒާމްކޮށް ކުރިއަށް ގެންދިއައީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިންނެވެ.