ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ބައިވެރިންނަށް “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯސް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ބައިވެރިންނަށް “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯސް ފަށައިފިއެވެ. މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން، ކޮމްޕިއުޓަރ ބޭނުންކުރާނެ ގޮތްތަކާއި، ކޮންޕިއުޓަރ ސިސްޓަމެއްގެ ބޭސިކް ބައިތައް ދަސްކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރާ ބަޔަކަށް ޤައިދީން ހެދުމަށް މަސައްކަތްކުރުމެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 20 ގައިދީން ވަނީ ބައިވެރިވެފައެވެ. މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.