“ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2019” ޗެމްޕިއަންކަން އީ.އެސް.ޖީ އިން ހޯދައިފި.

ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2019” ގެ ޗެމްޕިއަންކަން އީ.އެސް.ޖީ އިން ހޯދައިފިއެވެ.

އީ.އެސް.ޖީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް އެޗްކިއު އަތުން 0-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްޢުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މެޗް ބައްލަވާލެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެގްޒެކެޓިވް އޮފިސަރުންނާއި ޕްރިޒަން ކުލަބުގެ ރައީސް އޭއެސްޕީ އަބްދުލް ޣަނީ އާއި އެމްސީއެސްގެ ސީނިއާ އޮފިސަރުންނާއި ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުންގެ އިތުރުން ބައެއް އާންމު ރައްޔިތުންވެސް ހާޒިރުވެފައިވެއެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އީ.އެސް.ޖީގެ ޖާޒީ ނަންބަރު 77، ފަތުހުއްﷲ އެވެ. ފަތުހުއްﷲ ވަނީ މިމެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އީ.އެސް.ޖީގެ ނަސީހް މުޙައްމަދު ހޮވިފައިވާއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މާފުށި ޕްރިޒަންގެ ޖައިލަމް ޖަމީލް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މާފުށި ޕްރިޒަންގެ ޖައިލަމް ޖަމީލް އާއި ޓީމް އެޗްކިއުގެ އާދަމް މަންސޫރު އާއި މޫސާ ޙަސަންފުޅުގެ އިތުރުން ޓީމް އައްސޭރީގެ އިބްރާހިމް ހަލީމް އާއި އީއެސްޖީ ޓީމްގެ ފަތުހުއްﷲ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މާފުސި ޕްރިޒަން އެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޗްކިއުގެ އަޙްމަދު އަސްރަފް އެވެ.

މި މުބާރާތުގައި ހަޓީމް ވާދަކުރިއެވެ. އެއީ މާފުށީ ޕްރިޒަން އާއި އައްސޭރި ޕްރިޒަން އާއި އީއެސްޖީ އާއި ހުޅުމާލޭ ޕްރިޒަން އާއި މާލޭ ޕްރިޒަންގެ އިތުރުން ޓީމް އެޗްކިއު އެވެ.