އެމްއެންޑީއެފް އާ ގުޅިގެން “ސީޕީއާރ / އޭއީ.ޑީ އެންޑް ފަސްޓް އެއިޑް ޕްރޮގްރާމް” ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ސީޕީއާރ / އޭއީ.ޑީ އެންޑް ފަސްޓް އެއިޑް ޕްރޮގްރާމް” މާފުށީ ޖަލުގައި ބާއްވައިފިއެވެ.

26 ނޮވެމްބަރ 2019 ން 30 ނޮވެމްބަރ 2019 އަށް ބޭއްވުނު މި ޕްރޮގްރާމްގައި 30 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އެމްއެންޑީއެފްއަށް ދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވަމުން ވިދާޅުވީ އެމްސީއެސްގެ އޮފިސަރުން މިފަދަ ބޭނުންތެރި ޕްރޮގްރާމްއެއް ނިންމުމަށްފަހު އޭގެ ބޭނުން އަމަލީގޮތުން އެންމެ ފުރިހަމައަށް ބޭނުންކުރާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގެ ހާއްސަ މެހެމާން އެމްއެންޑީއެފްގެ ފަރސްޓް ލެފްޓިނަންޓް ޑރ. މުޙައްމަދު އަޝްރަފް ދެއްކެވި ވާހަކަފުޅުގައި މިފަދަ ތަމްރީން ތަކުގެ ސަބަބުން ކުއްލި ހާލަތުގައި ދެވޭ ފަރުވާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްކުރެވިގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ޖަލުތަކުގައި މެޑިކަލް ސެކްޝަނުގައި ހަރަކާތްތެރިވާ އޮފިސަރުންނަކީ މި
ދާއިރާއިން ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިގެން މަސައްކަތް ކުރާ އޮފިސަރުންތަކެއް ބިނާކުރުމެވެ. މި ޕްރޮގްރާމްގެ ސަބަބުން ޖަލުތަކުގައި ދިމާވާ މެޑިކަލް އެމަރޖެންސީ ތަކުގައި ގައިދީންނަށް ފަރުވާދިނުމުގައި ތަމްރީން ލިބިފައިވާ ގިނަ އޮފިސަރުންތަކެއް ހަރަކާތްތެރިވުމުގެ ފުރުސަތު އިތުރުވާނެއެވެ.

މި ޕޮރޮގްރާމްގައި ބައިވެރިން ވަނީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ރައްކާތެރި ގޮތްތަކާއި ބޭސިކް ފަސްޓް އެއިޑްގެ ގިނަ ޓެކްނިކްތައް އަމަލީ ގޮތުން ދަސްކޮށްފައެވެ.