ޖަލުތަކުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް ޑީޓީއާރްސީއަށް އެމްސީއެސްގެ ޓީމެއް ޒިޔާރަތްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ޓީމެއް ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީޓީއާރްސީ)އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

ޑީޓީއާރްސީ އަށް ކުރި މި ޒިޔާރަތުގެ މަގްސަދަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކޮށް ގައިދީން އިސްލާހުކުރުމުގެ ގޮތުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން،، ޖަލުތަކުގައި ހިންގަމުންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މައުލޫމާތު ހާސިލްކުުރުމަށެވެ. އަދި މިފަދަ އަގުހުރި މައުލޫމާތުގެ އަލީގައި ފަރުމާކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އިސްލާޙުކޮށް، ޖަލުންް ދޫކުރާއިރު އެމީހުންނަކީ  މުޖުތަމައު ބަލައިގަންނަ ފަދަ ބައެއްގެ ގޮތުގައި ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހިންމަފުއްޓަށް ޒިޔާރަތްކުރި ޓީމްގައި ހިމެނެނީ މާފުށީ ޖަލުގެ ޕްރޮގްރާމް އޮފިސަރުންނާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އެހެނިހެން އޮފިސަރުން އެކުލެވޭ 15 މެންބަރުންގެ ޓީމެކެވެ.