23 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 23 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިރޭ ބާއްވައި، ދަސްވެނިވި 59 އޮފިސަރުންނަށް ސެޓްފިކެޓް ދީފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ނޮން-ކޮމިޝަންޑް ރޭންކުގެ އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވިިއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ކްރިމިނަލް ކޯޓްގެ ޣާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލްއެވެ.

IMG-b255e9fae47c46350717ce5974abbbbb-V

17 ހަފްތާގެ މުއްދަތަށް މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާގް ރަނގަޅު ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުން މި މުއައްސަސާގެ ކުރިމަގު އުޖާލާކުރުމަށް ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމަށްހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން ޑިސްޓިންޝަން ހާސިލްކުރި އޮފިސަރުންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. އަދި “ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރު”އަށް ވަނީ ހަނދާނީ ލިޔުމާއި ފިލާ އަދި ބެރޭ ހަވާލުކޮށްފައެވެ.

މީގެ އިތުރުން “އެންމެ ހަށިހެޔޮ” އަންހެން އަދި ފިރިހެން އޮފިސަރަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

IMG-06eed7810b779a528885f1f039cb413f-V (1)

ޝަރަފްވެރި މެހެމާން އޮނަރަބަލް މިނިސްޓަރގެ ވާހަކަފުޅުގައި ހުރިހާ ދަސްވެނިންނަށާއި އާއިލާތަކަށް މަރުހަބާއާއި މުބާރަކްބާދީ ދެންނެވިއެވެ. އަދި ޖަލުތަކުގެ ހާލަތު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކު ގައިދީންނާ ބައްދަލުވާ އޮފިސަރުންގެ ވިސްނުން ބަދަލުކޮށް، ފުރިހަމައަށް ތަމްރީނާއި ތަޖްރިބާ ލިބި، އިންސާނީ ހައްގުތަކާއި ކަރާމަތަށް ރައްކާތެރިކުރުމުގެ ސިފަތައް އަށަގަނެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި މަގްސަދު ހާސިލުކުރުމުގައި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް ފެ ފަރާތުން ކުރަމުންދާ މަސައްކަތަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ހަމައެކަނި ޖަލުގައި މީހުން ބަންދުކޮށް އެމީހުން ފިލައިގެން ދިޔަނުދޭން ތިބޭ ބައެއް ނޫން ކަމަށާއި ޕްރިޒަން އޮފިސަރުންނަކީ ގައިދީން އިސްލާހުކޮށް އެމީހުންނަކީ މުޖްތަމައު ބަލައިގަންނާނޭ ފަދަ އާމްދަނީ ލިބޭ ހަރުދަނާ މީހުންނަށް ހެދުމަށް މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި މި މަގްސަދު ހާސިލުކުރުމަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ތައުލީމީ ދައުރު ފުޅާކުރުން މުހިއްމުކަމާއި އޮފިސަރުންނަށް މަތީ ތައުލީމާއި ތަމްރީން ލިބޭނެ މަގު ފަހިކުރުމުގެ ބޭނުން ފާހަގަކޮށް، އިރާދަކުރެއްވިޔާ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު 2020 ވަނަ އަހަރު ވެގެންދާނީ އައިކޯސްޓް އައު ތައުލީމީ ހަރުފަތްތަކެއް ގިރާކުރާ އަހަރެއްކަމުގައި ސީޕީ މުނާޒް ވިދާޅުވިއެވެ.

IMG-f2f8617ea2a2f80b1ac0cc04b86f7b54-V