މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، އުންމީދު ޕްރޮގްރާމްގެ ނަމުގައި މާފުށީޖަލުގައި މިދިޔަ އާދީއްތަދުވަހު އިފްތިތާޙް ކުރި ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ކްލާސްތައް އިއްޔެ ފަށައިފި އެވެ.
މި ޕްރޮގްރާމަކީ މާފުށީޖަލުގައި ތިބި ޤައިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ޤައިދީން އިސްލާހުކޮށް، މަސްތުވާތަކެތީގެ ވަބާއިން އެމީހުން ސަލާމަތްކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމަށް، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަންފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ، މި ޕްރޮގްރާމް މެދުވެރިކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އިޞްލާޙުކޮށް މުޖުތަމަޢު ބަލައިގަންނަ، މުޖުތަމަޢަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައުމެވެ. އެގޮތުން މި ޕްރޮގްރާމްމެދުވެރިކޮށް ޤައިދީންނަށް މަސްތުވާތަކެތީގެ ހުރި ނުބައިކަމާއި، މަސްތުވާތަކެތީގެ ސަބަބުން އެމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ކުރާ ނޭދެވޭ އަސަރުތައް އެމީހުންނަށް ވިސްނައިދީ، މަސްތުވާތަކެއްޗާއި ދުރުވުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އެގޮތުން މިޕްރޮގްރާމްގެ އެކި މަރުޙަލާތަކުގައި، ދިރިއުޅުމުގެ ހުނަރާއި، ޢާންމު ސިއްޙީ ހޭލުންތެރިކަމާއި، މަސްތުވާތަކެތިން ދުރުހެލިކުރުމަށް މަސައްކަތް ކުރުމަށް ދެވޭ ތައުލީމާ، އިސްލާމީ ތައުލީމާ، ހަށިގަނޑުގެ ތަރުބިއްޔަތު ހިމަނާފަ ވެއެވެ. އަދި ޖަލުން މިނިވަންވުމާއެކު، އަބުރުވެރި ދިރިއުޅުމެއް ފެށުމަށްޓަކައި، ޢާމްދަނީ ހޯދުމަށް ކުރާނެ ޢަމަލީ އެކިއެކި މަސައްކަތްތައްވެސް، މި ޕްރޮގްރާމް މެދުވެރިކޮށް ޤައިދީންނަށް ދަސްކޮށްދެވިގެންދާނެ އެވެ.
108 ޤައިދީންނާއެކު ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްފާޟިލް އަލީ ޒާހިރެވެ. 06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ނެޝަނަލް ޑްރަގް އެޖެންސީގެ ބޭފުޅުންނާއި، އެމްސީއެސްގެ އޮފިސަރުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ކިޔަވައިދެމުން ގެންދާނެ އެވެ.