އެމްސީއެސްއާއި އަލަށް ގުޅުން 20 އޮފިސަރުން ހުވާ ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އަލަށްގުޅުނު 20 އޮފިސަރުން މިރޭ ހުވާކޮށްފި އެވެ.

މާފުށީ ޖަލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޒް އިބްރާހިމް މުޙައްމަދު ދީދީ އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި އައިކޯސްޓްގެ އޮފިސަރުންގެ އިތުރުން އަލަށް ގުޅުނު އޮފިސަރުންގެ އާއިލާތަކުން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ. އަދި މިހާރު ޓްރެއިންނިންގ ކުރިއަށްދާ 60 އޮފިސަރުންވެސް މިރޭގެރަސްމިއްޔާތުގައި ބައިވެރި އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، އެތަކެއް އުނދަގޫ ތަކާ ދަތިތަކާ އެކުވެސް ޓްރެއިންނިން ފުރިހަމަ ކުރުމުގެ ޙަޤީޤީ ފޮނި މޭވާ ލިބޭނީ، ތެދުވެރިކަމާއި އަމާނާތްތެރި ކަމާ އިހުލާޞްތެރި ކަމާއެކު ވަޒީފާ އަދާކޮށްގެން ކަމަށާއި، އަދި ޕެރޯލްގެ ޤާނޫނާއި ޤަވާއިދުތަކާއި ޖަލުތަކުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ، އެއާ ޚިލާފު ނުވެ، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކޮށްގެން ކަމަށެވެ. މީގެ އިތުރުން މި މަސްއޫލިއްޔަތު އަދާކުރުމުގައި، އެކިއެކި ކުށްތަކުގައި ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ލެވިފައިތިބި ޤައިދީންނަކީ ވެސް އިންސާނީ ޙައްޤުތަކެއްލިބިގެންވާ ބައެއްކަންވެސް ދަނެ ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އޮފިސަރުންގެ ހުވައާ ބެހޭގޮތުން ވާހަކަ ދައްކަވާ ނަސޭޙަތް ދެއްވަމުން ސިވިލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޒް ޢަބްދުﷲ އަލީ ވިދާޅުވީ، މިރޭ މިކުރެވޭ ހުވައަކީ، މުސްތަޤުބަލުގައި އެކަމެއްގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބުއަދާކުރުމުގައި ސާބިތުވެ ތިބުމުގެ މައްޗަށް ކުރެވޭ ހުވައެއް ކަމަށެވެ. އަދި މިފަދަ ހުވާ ތަކަކީ އެހުވާތަކާއި ޚިލާފުވެއްޖެ ނަމަ ކައްފާރާ ދޭންޖެހޭ ހުވާ ތަކެއް ކަމަށާއި، ޤިޔާމަތްދުވަހު އެމީހަކަށް ޢަޒާބު ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ އޮފިސަރަކު ވެސް ހުވައަށް އިހުތިރާމްކޮށް ހުވާއާއި އެއްގޮތަށް އުޅުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޣާޒީ ނަޞޭޙަތްތެރިވި އެވެ.

ހުވައާއި ބެހޭގޮތުން ވާހަކަ ދައްކަވާ ނިންމާލުމަށް ފަހު ޣާޒީ އުސްތާޒް ޢަބްދުﷲ ވަނީ އެމްސީއެސް އާއި އަލަށް ގުޅުނު އޮފިސަރުންނަށް ހުވާ ލާދެއްވާފަ އެވެ. ހުވައަށްފަހުގައި އައިކޯސްޓުގެ ޑެޕިއުޓީ ޑައިރެކްޓަރ އޭއެސްޕީ އަލްއުސްތާޒް މުޙައްމަދު ޠަލާލް އާއިއެކު އޮފިސަރުން ވަނީ ޢަޒުމް ކިޔާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ދަސްވެނިވުނު ދަންސްވެނީންނަށް ސެޓިފިކެޓް ހަވާލުކޮށް، މުޅި ޓްރެއިނިން އިން އެންމެ މަތިން މާރކްސް ހޯދި 5 ދަސްވެނިންނަށް މެޑަލް ވެސް ވަނި ޙަވާލްކޮށްފަ އެވެ. އަދި މުޅި ޓްރެއިނިން އިން އެންމެ ފާހަގަ ކޮށްލެވުނު އޮފިސަރަށް ވަނީ ސޭޝް އާއި މެޑަލް ހަވާލުކޮށްފަ އެވެ.