މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ ޕްރިޒަން އޮފިސަރުންގެ ދެވަނަ ހުވާކުރުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި 132 އޮފިސަރުން ވަނީ ހުވާކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރުއެވެ.
ޖަލު އޮފިސަރުންގެ ހުވަޔަކީ “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ އޮފިސަރަކުވެސް ކުރަން ޤާނޫނުގައި ލާޒިމް ކޮށްފައިވާ ކަމެކެވެ.
ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ “މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އުފެދި އެ ސަރވިސްގެ ވަޒީފާ ދެވޭ ކޮންމެ އޮފިސަރަކު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ ހުވައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.”
މިރޭގެ ރަސްމިއްޔާތުގައި ޖަލު އޮފިސަރުންނަށް ހުވާ ލައިދެއްވީ މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭތް އިބްރާހިމް ހުސައިން އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.