އެކިއެކި ކުށްކުށުގައި ޙުކުމްކޮށް ޙުކުމް ތަންފީޒް ނުކުރާ ފަރާތްތައް ހޯދުމުގައި ފުލުހުންނާ ކަރެކްޝަނަލް ސަރވިސް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެއްޖެ

ފޮޓޯ ޕޮލިސް މީޑިއާ،

އެކިއެކި ކުށްކުށުގައި ޝަރީޢަތުން ޙުކުމްކޮށް ޙުކުމް ތަންފީޒް ނުކުރާ ފަރާތްތައް ހޯދައި ޙުކުމް ތަންފީޒްކުރުވުމަށް ފުލުހުންނާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިހާރަށްވުރެ ހަރުދަނާ އަދި އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން އިސްނަގައިގެން ކަރެކްޝަނަލް ސަރވިސް އާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވެފައިވަނީ އެކިއެކި މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޙުކުމްކޮށް ނޫންނަމަ އެކި ސަބަބުތަކާހުރެ ޙުކުމް ތަމްފީޒްނުކޮށް މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުން ހޯދައި އެފަދަ މީހުންނަށް ޝަރީޢަތުން ކޮށްފައިވާ ޙުކުމް ތަންފީޒް ކުރުވުމަށް ކުރެވެންހުރި ކަންކަން މިހާރަށްވުރެ އިތުރުކޮށް އެފަދަ މީހުންގެ ފަރާތުން މުޖުތަމަޢަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުންނެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެހެނިހެން ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ތެރޭގައި އެއްވެސް މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހަކު ވާނަމަ އެމީހަކު ކަރެކްޝަނަލް ސާރވިސްގެ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤުގެ މަސައްކަތް ކުރިޔަށް ގެންދިއުމާއި ޙުކުމް ތަންފީޒް ކުރާ ފަރާތްތަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ މަޢުލޫމާތުތައް މިހާރަށްވުރެ ފަސޭހައި ދެފަރާތަށްވެސް ބެލޭނެ ނިޒާމެއް ޤާއިމް ކުރުން ހިމެނެއެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް އާއި މާލޭ ޖަލުގެ ޗީފް، ސީނިއާ ޕްރިޒަން އޮފިސަރ މުޙައްމަދު ތައުފީޤު އާއި ކަރެކްޝަނަލް ސަރވިސަސްގެ ތަންފީޒް ސެކްޝަންގެ ހެޑް، އޭއެސްޕީ އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނިޒާމުގެ އިތުރުން މާލޭ ކަސްޓޯޑިއަލްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.