މާފުށީ ޖަލުގެ 18 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިރޭ އެ ޖަލުގައި ބާއްވައިފިއެވެ.
މިރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. މިރޭގެ ރަސްމިއްޔާތުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އާއި މާލޭ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޕްރިޒަން އޮފިސަރުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ ޢަޒުމް ވިދާޅުވެދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ، އޭ.އެސް.ޕީ ސަލްމާން ރަޝީދުއެވެ. އަދި ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާ އިސްވެ ވިދާޅުވެ ދެއްވީ ސްޓާފް ސާޖަންޓް ޙުސައިން ޢިމްރާން އެވެ.
އަދި ރަސްމިއްޔާތަށްފަހު ކޭކު ފެޅުމާއި މާފުށީ ޖަލުން މިއަހަރަށް ތައްޔާރުކޮށްފައިވާ ލަވަ އިފްތިތާޙް ކުރުން އޮތެވެ.