މާފުށީ ޖަލުގައި ގައިދީން ޢާއިލީ ބައްދަލުކުރުމަށް ކުރިން ބޭނުންކުރަމުން ގެންދިޔަ ތަނުގެ ޖާގަ އިތުރުކޮށް މިއަދު އެތަން ބޭނުންކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުއްވާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. އަދި ހަމަ މިއަދު ވަނީ އެ ޖަލުގެ އެކަހެރި ބައްދަލުވުންތަކަށް ބޭނުންކުރާނެ އިތުރު އެޕާޓްމަންޓެއްވެސް ހުޅުވާފައެވެ. މިތަންވެސް ހުޅުއްވާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އެވެ.
މާފުށީ ޖަލުގައި ޢާއިލާ ބައްދަލުކުރުމަށް ހުޅުވި ތަނުގެ ސަބަބުން ޤައިދީންނަށް އެމީހުންގެ ޢާއިލާތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަސޭހަވެގެން ދާނެއެވެ. އަދި މިތަނަކީ ކުރިން ބޭނުންކުރަމުން ގެންދިޔަ ތަނަށްވުރެން އެތައްގޮތަކުން ފަސޭހަ އަދި އަމާން މާޙައުލަކަށް ވާނެއެވެ.
މިރަސްމިއްޔާތުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭއެސްޕީ ސަލްމާން ރަޝީދު އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.