‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: ޓީމް ޔެންކީ‏ ޗެމްޕިއަންކަން ހޯދައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޔެންކީ ހޯދައިފިއެވެ.

އިއްޔެ އައްސޭރި ޖަލުގެ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ޓީމް ޔެންކީ އާއި ޓީމް ރެކަން 4-4 ލަނޑުން އެއްވަރުވުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޓީމް ޔެންކީ ފައިނަލް މެޗް ކާމިޔާބުކުރީ 8-7 ލަނޑުންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޝަރަފް ޝާކިރުއެވެ.

މި މުބާރާތް ނިމުމުގެ ރަސްމީއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. އަދި މި ރަސްމީއްޔާތުގައި ވަނަތައް ހާޞިލުކުރި ޓީމްތަކަށާއި ކުޅުންތެރިންނަށްވަނީ ތައްޓާއި މެޑަލް ހަވާލުކުރެވިފައެވެ.

މި ރަސްމީއްޔާތުގައި އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެއިންއާއި މާލެ ޖަލުގެ ޑައިރެކްޓަރ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރުގެ އިތުރުން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އިބްރާހިމް ދީދީ އަދި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.