ޖަލުގެ ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ކަންކަމުގެ ތެރެއިން މުޅި ޖަލުގެ ވަށައިގެން 20 ފޫޓުގެ ކޮންކްރީޓް ބައުންޑްރީ ފާރެއް ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.
މާފުށި ޖަލު ވަށާ 20 ފޫޓުގެ ހުސް ފާރެއްލުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ވިދާޅުވީ ޖަލު ވަށާފާރުލުމާއި ރޭނުމާއި ކޮންކްރީޓްގެ ހުރިހާ ކަމެއް ވެސް ކުރަނީ ގައިދީން ލައްވައި ކަމަށެވެ. އަދި ފާރު ރޭނުމުގައި ފަންނީ ކަންކަމުގަޔާއި އިންޖިނިއަރުން ބޭރުން ވަޑައިގެން ތިއްބަވާނެ ކަމަށެވެ.
މި ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރު ރޭނުމައް ހަމަޖެހި ފައި ވަނީ ދައުލަތުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. މި މަސައްކަތުގައި ގާތްގަޑަކަށް 50 ހާއި 100 ދެމެދުގެ އަދަދަކަށް ގައިދީން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި މަސައްކަތް ގައިދީން ލައްވާ ކުރުވާއިރު ގައިދީންނަށް މުސާރަ ދޭގޮތައް ވަނީ ހަމަ ޖައްސާފައެވެ. ފާރުގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާ ލެވޭތޯ މަސައްކަތް ކުރާނެ ކަމައް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރާނާ 20 ފޫޓް އުސް ފާރުގެ މަސައްކަތް މި އަގަށް ނިންމާލެވެނީ ޖަލުގެ ޤައިދީން ލައްވައި މި މަސައްކަތް ކުރެވޭނެ އިންތިޒާމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހަމަޖައްސަވާފައިވާތީ ކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައި ގަތުމަށްޓަކައި ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ހާނިމް އާއި ޕޮލިސް ކޮމިޝަނަރ ހުސެން ވަހީދުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރ އަލް އުސްތާޛް އިބްރާހިމް ރިޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޕްރިޒަންސް އޮފިސަރުން ބައިވެރި ވިއެވެ.