އެމް.ސީ.އެސް ގެ ފަރާތުން ކުރިއަށްގެންދާ ޕްރޮގްރާމްތައް މީޑިއާތަކާ ޙިއްޞާ ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް މީޑިއާތަކާ ޙިއްޞާ ކޮށްފިއެވެ.

ބުރާސްފަތި ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ވިދާޅުވީ ޖަލުތަކުގައި ކުށްވެރިންނަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން ގެންދާ ކަމަށާއި އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ޕްރޮގްރާމްތައް ފެއްޓޭނެ ކަމުގައެވެ. އަދި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު މިކަން އިތުރަށް ފުޅާކުރުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވާހަކަދެކެވެމުން އަންނަ ކަމަށާއި، އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުން ޕްރޮގްރާމްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމުގައެވެ.

އެގޮތުން މިހާރު ކުރިއަށް ގެންދާ އަދި ކުރިއަށް ރޭވިފައިހުރި ޕްރޮގްރާމްތަކަކީ:

 1. 1. ސެޓްފިކްޓް ލެވެލް 1،2،3، އިން ކޮމްޕިއުޓަރ އެޕްލިކޭޝަން (100 ޤައިދީންނަށް)
 2. 2. ހަރުދަނާ މައިންބަފައިން ބިނާކުރުމުގެ ޕްރޮގްރާމް (އަންހެންޖަލުގެ ހުރިހާ ޤައިދީންނަށް)
 3. 3. ޖަލުތަކުގައި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ހިންގުން
 4. 4. ދީނީ މާއްދާތައް (ފިގްހް، އިބާދާތާއި ސީރަތުގެ ބައިތައް)
 5. 5. ކީރިތި ޤުރުއާން އުގަންނައިދިނުމާއި ދީން އުގަންނައިދިނުމުގެ ޕްރޮގްރާމް
 6. 6. ކުކަރީ ކޯސް
 7. 7. ހޭންޑި ކްރާފްޓް ޕްރޮގްރާމް (ވޫލުން ވިޔަން ދަސްކޮށްދިނުން)
 8. 8. ހޭންޑިކްރާފްޓް (ލަކުޑިން ދޯނިހަދަން ދަސްކޮށްދިނުން)
 9. 9. ފަހާ ކޯސް
 10. 10. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ޤައިދީންގެ ކުރެހުންތައް ބައިވެރިކުރުން
 11. 11. އޭޝިޔާ ފައުންޑޭޝަންއިން ފަންޑިންގެ ދަށުން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް (ކޮންމެ މަހަކު ދެސެޝަން)
 12. 12. ޖުވެނައިލް ކުދިންނަށް ލައިފްސިކްލްސް ޕްރޮގްރާމް ހިންގުން

މި ޕްރޮގްރާމްތައް ހުރިހައި ޖަލެއްގައިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސީ.ޕީ ވިދާޅުވިއެވެ.