ރާއްޖޭގެ ޖަލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރު ވިދާޅު ވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ހުވާކުރުމަށް ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތައް މިހާރުވެސް “އޯވަރ ކެޕޭސިޓީ” ގައި ބަލަހައްޓަމުންދާއިރު މި މައްސަލައަށް ޙައްލެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
“މިހާރު ހުރި ޖަލުތަކަށް ލުއި ހޯދުމަށްޓަކައި ކާށިދޫ އާއި ނޭކުރެންދޫ ގައި ނަގާފައިހުރި ބިންތަކުގައި ޖަލު އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ.” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރުވެސް ކ. ތިލަފުށީގައި ރިހެބިލިޓޭޝަން މަސައްކަތް ކުރެވޭނެ ޖަލެއް އަޅާފައިވާނެކަމަށާއި، މި ޖަލު ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރަސްމީކޮށް މި ޖަލު ނުހުޅުވިކަމުގައިވީނަމަވެސް މިހާރުވެސް މި ޖަލަށް ބައެއް ޤައިދީން ޓްރާންސްފަރ ކުރެވިފައިވާކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރުވަނީ ކުށްވެރިންގެ ފައިގާ ޓެގް އެޅުވުމުގެ ޓެންޑަރ ހުޅުވިފައި ކަމަށާއި، މިހާރުވެސް ފަސް ކުންފުންޏަކުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަންނަ މަހު މެދާއިހަމައަށް ދާއިރު ބައެއް ކުށްވެރިންގެ ފައިގައި ޓެގް އެޅުވި، އެމީހުން ރައްކާތެރިކަމާއެކު ގޭބަންދު ކުރެވިގެންދާނެ އިންތިޒާމް ހަމަޖެހިގެން ދާނެ” މިނިސްޓަރ ވިދާޅުވިއެވެ.